މި ރާސްތާގައި.....

ސާރާ މިއަދު ސުކޫލުން އައީ ތަންކޮޅެއް ލަހުންނެވެ. ސާރާގެ ވާހަކަ އަޑު އެހިނަމަ ވީ ގޮތްވެސް އެނގުނީހެވެ. ރުޅި އައީމާ ސާރާ އަށް ވާހަކަ ދެއްކުމުގެ ފުރުސަތު ނުދެވުނީ އެވެ. ބަދަލުގައި ވަރަށް އެއްޗެހިވެސް ކީމެވެ. އުޅުމެއް ނެތީ އޭ، ފެންވަރު އޮޅިފައޭ ކިޔާފައި ވެސް ފަހުން ބުނެވުނީ ޖެއްސުން ކުރަނީ ކަމުގައެވެ. ނުކިޔަވައޭ ހިތްމަތީ އޭވެސް ކިޔުނެވެ. ލަހުން އައޭ ކިޔާފައި ކޮއްލަން މިވަރު ބޮޑުކަން ނޭނގެ އެވެ.

އަހަރެން ކޮޓަރިން ބޭރަށް ނުކުތް އިރު ސާރާ ސްޕޯޓްސް ޔުނިފޯމުގައި ގޭތެރޭ ހުއްޓެވެ. އަނެއްކާވެސް އެއުޅެނީ ދާށެވެ.
" ކިހާ އިރަކު އާދެވޭނީ؟"

" ފަސް ގަޑި ބައި ވުމުގެ ކުރިން ހީވޭ...."
އަހަރެންގެ ނުރުހުމުގެ ސަބަބުން ހަރުކަށި ކަމާ އެކު ކުރިސުވާލަށް ސާރާ ޖެހިލުންވެފައި ހުރެ ދޭން އުޅުނު ޖަވާބު ފުރިހަމަ ނުކުރެވުނީ އަހަރެން ބަދިގެއާ ދިމާއަށް ހިނގައިގަތީމަ އެވެ. ގަސްދުގައި ނޫނަސް ބެލުނީ ސާރާ ބަދިގެއިން އެއްޗެއް ކައިފައި ހުރިތޯ އެވެ. ނަސީބަކުން އޭނަ އެ ހުރީ ބަނޑަކަށް ނޫނެވެ. އެހެން ވީނަމަ އަހަރެން އަނެއްކާވެސް އަހަރެންނަށް ސާރާ ދެކެ ރުޅި އާދެވޭނެ އެވެ. އަހަރެން ކިތައްމެ ވަރަކަށް ރުޅި އަޔަސް ސާރާ އަހަރެން ދެކެ ރުޅި ނާންނޭކަން އެނގެ އެވެ. އަންނާނެ ނަމަ މިހާރު ރުޅި އައިއްސީހެވެ. މިހާރު އޭނާ އަށް ފަނަރަ އަހަރުވާން ގާތް ވަނީ އެވެ. މިހާރުވެސް އޭނާ އަހަރެން ދެކެ ވަރަށް ލޯބި ވެއެވެ. އޭނާގެ ކޮމްޕިޔުޓަރ ގެ ސްކްރީނަށް ލައިފައި ވަނީވެސް އަހަރެން ގެ ފޮޓޯ އެކެވެ. އެއާއެކު ވަރަށް ރީތި ލިޔުން ކޮޅެއްވެސް ލިޔެފައި ވެއެވެ.

އަހަރެން އެކޮޓަރިއަށް ވަނީ ސާރާ ދިޔަކަން ޔަޤީން ކޮށްފައެވެ. އާންމު ގޮތެއްގައި ގިނަ އެއްޗެހި ތަރުތީބުން ހުރި އެކޮޓަރި ތެރެއަށް ވަދެގެން އައި އިރު އަހަރެންގެ ނަޒަރު ހުރީ އޭނާގެ ކޮމްޕީޔުޓަރ އަށެވެ. ކީބޯޑު ދަމާލައިފައި ބަލައިލި އިރު ޑައިރީ ފޮތެއް އޮތެވެ. އެއިގައި ހުރީ އެހެން މީހުން ޑައިރީ ގައި ލިޔާ ކަހަލަ ވާހަކަ އެއް ނޫނެވެ. ކުރު ވާހަކަ އާއި ލަވަ އާއި ޅެމެވެ. މަޒުމޫނާއި ޖޯކެވެ. ބައެއް ގަނޑު ތަކުގައި ކުރަހާފައި ވެސް ހުއްޓެވެ. " ފޫހިވަނީ ފޫހިވަނީ ހަމަ ފޫހިވަނީ" އެއް ޞަފްޙާ ފުރެންދެން ލިޔެފައި ހުއްޓެވެ. ހުރިހާ އެއްޗެއް ނުކިޔަމެވެ. އެކައްޗެއްވެސް ނުކިޔާ މަތި މަތިން ބެލީ އެވެ. ނަމަވެސް މިލިޔުން ކޮޅު ކިޔާނުލައި ނުދެވުނެވެ.
"މިއަދު ކުއްޖަކު ބުނި އަޑު އެހީމެވެ. އެންމެ ރީތިވާނީ މަންމަ އާ ވައްތަރު ކުދިންނެވެ. އަހަރެން މަންމަ އަކާ ވައްތަރެއް ނޫނެވެ. އެކަމަކު އަހަރެން އެންމެ ވައްތަރީ މަންމަގެ ހިތުގެ ސޫރަޔާ އެވެ. މަންމަ އެންމެ ލޯބިވާ ފުރާނަ އާ އެވެ. އެހާ ރީތި އިސްތަށިގަނޑެއް އަހަރެން ނުދެކެމެވެ. އެހާ ރީތި ހިނގުމެއް ނެތް ކަމަށް މަންމަވެސް އެއްބަސް ވަންދޯއެވެ. މަޑު މުށި ކުލައިގެ ދެލޯ އަހަރެންނަކަށް ނުލިބުނެވެ. އެކަމަކު އަހަރެންނަށް ލިބިފައި މިވަނީ މަންމަ ގެ ހިތުގެ ސޫރަ ކަމުގައި އެއްބަސް ވާށެވެ. އެކަމަކު މަންމާ އެވެ. އަހަރެންނަށް ލޯބިވާން އެނގެނީ މަންމަ ވާ ގޮތަށެވެ. މުޅި ހިތުންނެވެ. ހިއްޗާއި ފޮންޏާ އެކުގައެވެ.
ޝިއުއްތާ އެ އެވެ. މަންމަ އަކަށް އަހަރެން ގެ ވާހަކަ އަޑެއް ނީވޭނެ އެވެ. އެކަމަކު ޝިއުއްތަ އަހަރެންގެ ހިތުގެ ކޮންމެ ކަމެއް ދެނެގަނެ އެވެ. ޝިއުއްތަ އަށް ވުރެ ބޮޑަށް އަހަރެން އެނގޭނެ އެހެން މީހަކު ނުހުންނާނެ އެވެ. މަންމަ އަށް ޝިއުއްތަ ވިސްނާ ދޭށެވެ. އަހަރެން މަންމަ ގެ ލޯބި ބޭނުން ވާނެކަމެވެ. އަހަރެން އެކަނި ކާން އިންނައިރު މަންމަ ބޭނުންވާ ކަމެވެ. ހިތްހަމަ ނުޖެހޭ ކަންތައްތަކުގެ ވާހަކަ ދައްކާލަން މަންމަ ބޭނުންވާ ކަމެވެ. ޝިއުއްތަ އަކީ މިސާލެކެވެ. ދުނިޔޭގެ ހުރިހާ ކެތްތެރިކަމެއް ލިބިފައިވެ އެވެ. ކޮންމެ ކަމަކާ ކުރިމަތި ލައެވެ. ވިސްނުން ތެރި ކަމާ އެކު ހުރިހާ ކަމެއް ހައްލު ކުރެ އެވެ. އެކަމަކު ޝިއުއްތަ އަކީ އަހަރެންގެ މަންމަ އެއް ނޫނެވެ. އަހަރެން އެދެނީ މަންމަ އަށެވެ. ޝިއުއްތަ އަކީ އަހަރެންގެ މަންމަ ނަމަ އެވެ. އަހަރެންގެ މި ޝަކުވާ ކުރާކަށް ނުޖެހޭނެ އެވެ. ޝިއުއްތަ އަހަރެންގެ މަންމަ އަށް ވެދޭށެވެ."
އަހަރެން ހަމަ ރަނގަޅަށް ވެސް ފެންކަޅި ވެއްޖެ އެވެ. މިއަދު ސާރާ މަންމަ ލޯތްބަށް އެދި ގޮވުމުން އަހަރެން އިހުމާލު ވެފައިވާ ވަރު އެނގެ އެވެ. އަހަރެން ސާރާ ގެ މަންމަ އަށް ވުމާ ގާތަށްވެސް ނާދެވޭކަން އަންގައިދެއެ އެވެ.
އަހަރެން ވަގަކު ފަދައިން އެކޮޓަރިން ނުކުމެގެން ދެވުނީ އަމިއްލަ ނަފުސު ދެކެ ގަތްފައިވާ ލަދުގެ ބޮޑު ކަމުންނެވެ. ކޮޓަރިއަށް ވަދެ އަހަރެންގެ ސޫރަ އަށް ބަލައިލީމެވެ. އަހަރެންގެ ބަދަލުގައި ސިފަވަނީ ސާރާ އެވެ. ފަން ފަން ދިގު އިސްތަށިގަނޑެވެ. ދިގު ކަނދުރާ އެވެ. ޖެހިލުންވެ ރޮވިފައިވާ ދެލޮލެވެ. މުށިކުލައިގެ ކުޑަ ކުޑަ އަހަރެންގެ ލޮލެވެ. އަހަރެންނާ ސާރާ ގެ ތަފާތަކީ އެއީ އެވެ. ސާރާ އަށް ލިބިފައިވަނީ އޭނާގެ މަންމަގެ ތޫނު ބޮޑު ދެލޮލެވެ.  
އަހަރެންނަކީ ރާއްޖެތެރޭގެ އަބުރުވެރި ދިރިއުޅެމުން އައި ދެމަފިރިއެއްގެ ހަގު ދަރިފުޅެވެ. ދޮށީ ދަރިފުޅަކީ އަހަރެންގެ ދައްތަ ޝާނީ އެވެ. ޅަދުވަސް ހޭދަކުރީ ދެބެން އެކުއެކީގައެވެ. ލޯތްބާއި ގާތްކަމުގައި މިސާލު ޖަހަން އެންމެ އެކަށީގެންވާ ގޮތުގައެވެ. ދުނިޔެ އަށް ލޯ ހުޅުވުނު ވަރަކަށް ދައްތަ އަހަރެން ދެކެ ވާ ލޯބި އިތުރުވި އެވެ. އަހަރެންނަށް ޓަކައި ވިސްނާ އަޅާލުން އެތައް ގުނައަކަށް ވިއެވެ. އެކަމަކު އަހަރެންގެ ނަޒަރު ހުރީ ދުނިޔޭގެ ރެދަން ކުލައަށެވެ.
އަހަރެން ދައްތަ ދެކެ ރުޅިއެއް ނާދެ އެވެ. އަހަރެން މާލެދާން ބޭނުން ވާއިރު ފުރަތަމަ އެ ފުރުޞަތު ލިބުނީ ދައްތަ އަށެވެ. ބަލިވެގެން ދާން ޖެހުނީކަން އެނގޭތީ ހިތް ހަމަޖައްސާލައިގެން ހުރީމެވެ. އޭގެ ފަހުން އަބަދު އަބަދު ދައްތަ މާލެ ދާންޖެހެ އެވެ. ދެރަވީ އަހަންނަށް ދެވޭގޮތް ނުވީމައެވެ. ދައްތަ އެއަހަރު ފާސްނުވެ އަހަރެންނާ އެއް ކުލާހަކަށް ބަދަލުވި އެވެ. ދައްތަގެ ނަންވެސް ވަރަށް ރީއްޗެވެ. އަހަރެންނަށް ޝާނީ ނުކިޔަސް ހަމަ އެހާ ރީތި ނަމެއް ކިޔާނަމަވެސް ރަނގަޅެވެ. އަހަރެންނަށް ކިޔަނީ ޝިޔުނާ އެވެ.
ފުރާވަރުގެ ދުވަސް ތަކުގައި ރީތިވުމަށް ސަމާލުކަން ދެވުނެވެ. ޤުދުރަތުން އަހަރެންނަށްވެސް ރީތި ސިފަ ތަކެއް ލިބިފައިވެއެވެ. ދިގު އިސްކޮޅަކާއި ހިމަތޮޅި ހަށިގަނޑެކެވެ. ފަން އިސްތަށިގަނޑަކާއި ރަތް ދޮން ހަންގަނޑެކެވެ. އެކަމަކު އަހަރެންނަށް ރީތީ ދައްތަ އެވެ. ދައްތަގެ ރީތި ބައްޓަމާއި އޮމާން ހަންގަނޑެވެ. ގިނަމީހުން ފަދައިން އަޅައިގަންނަނީ ރަންކުލަ އަރާ ދިގު ބުޅި އިސްތަށިގަނޑުގަ އެވެ. އަހަރެންގެ މަޑުމުށި ކުލައިގެ ލޮލަށްވުރެ ރީތީ ދައްތަގެ ފުން ކަޅިރަވަ އެވެ. ދައްތަ ކުޅިވަރަށް މޮޅު އިރު އަހަރެން މޮޅީ ކިޔެވުމަށެވެ. ދައްތަ އަށް އެއްއަޑަކުން ހިތްވަރުދޭ ކުދިންތައް ފެނުމުން ދައްތަގެ މަޤާމު އަހަރެން ބޭނުންވެ އެވެ. އަހަރެން ބޭނުންވަނީ ރީތިކޮށް ލިޔާށެވެ. އެކަންވެސް ލިބިފައި ވަނީ ދައްތައަށެވެ. އަހަރެންނަށް އެނގެނީ ރީއްޗަށް ކުރަހާށެވެ.
އަހަރެން އެދޭ ހުރިހާ ކަމެއް ދައްތަ އަށް ލިބުމުން އެއްވެސް ޝަކުވާ އެއް ނެތެވެ. އެކަމަކު އަހަރެންނަށް ނުލިބުމުން ހިތްހަމަ ނުޖެހެވެ އެވެ. އަހަރެން އަބަދުވެސް ދެކެމުން އައީ މުއްސަނދި ހަމަ ޖެހޭ ދިރިއުޅުމެއް އުޅުމުގެ ހުވަފެނެވެ. ތަނަވަސް ކަމާއެކު ހޭދަކޮށް ފިކުރެއް ނެތި ބާޒާރު ކުރުމުގެ އުފާވެރި މަންޒަރެވެ. މިކަންތައް އަހަރެންގެ ދައްތަ ހާސިލް ކުރިޔަސް އަހަރެން އުފާ ވާނަމެވެ. އަހަރެންނަށްވެސް އެނަސީބު ލިބުނު ނަމަ އެވެ.
ގޭގެ ދޮރު ހުޅުވުނު އަޑު އަހަރެން ހޭލައްވާލިއެވެ. އަޑު އިވުނު ގޮތުން އެއީ އަންވަރު ކަން ދެނެގަންނާކަން އުނދަގުލެއް ނުވިއެވެ. މޭޒުމަތީ ހުރި ބިއްލޫރި ޖަގުން ފެން ތައްޓެއް އަޅައިގެން ބޭރަށް ނުކުތް އިރު ދަނޑިގަނޑެއްގެ އެހީގައި އަންވަރު ކޮޅަށް ހުއްޓެވެ. މޫނުމަތިން ވަރުބަލި ކަމުގެ އަސަރު ފެނެއެވެ. މަޑުމަޑުން އައިސް ސޯފައިގައި އިށީނދެ އަންވަރު ގެ ދަނޑިގަނޑު ބާއްވައިފި އެވެ. އަހަރެން ފެންތަށި ދިއްކޮށްލަމުން ކައިރީގައި އިށީނދެ ފީމެވެ.
" ޝިއު މާދަމާ ބޯޑު މީޓިން އެއް އެބަ ބާއްވަން"
އަންވަރު ފެންފޮދެއް ބޯލައިފައި ބުންޏެވެ.
"އަހަރެން ބޭނުމެއް ނޫން އެމީހުންނަށް އެއްވެސް ދުލެއް ދޭކަށް...... އެމީހުން އަހަރެމެންނަށް ވަމުން މިދާ ގެއްލުމުގެ ބަދަލު ނުދެންޏާ ކޯޓު ނޫން ގޮތެއް ނޯންނާނެ."
އަހަރެން ޢަޒުމެއްގައި ހުރެ ބުނީމެވެ.
"އެންމެ ރަނގަޅު ބޯޑުން ނިންމާ ގޮތެއް ބަލަމާ..! އެކަމަކު ސާރާގެ ނަމަށް ހުތުރު ވާ ކަހަލަ އެއްވެސް ކަމެއްވެގެން ނުވާނެ. އަހަރެން ހުއްޓާ ވިޔަކަ ނުވެސް ދޭނަން."
އަހަރެން ހުރިގޮތް އަންގާލީމެވެ.
"ހިނގާ ސައި ބޯން ދަމާ.. ސާރާ ކޮބާ؟"
އަންވަރު މައުޟޫޢު ބަދަލު ކޮށްލިއެވެ.
"ސުކޫލުގަ ވީ..  ޖަޔާ ސައި ހަދާބަލަ.."
އަހަރެން ގޭގައި ކައްކަން ގެންގުޅޭ ނޭޕާލް މީހާ އަށް އިވޭ ވަރަށް ގޮވައިލީމެވެ. އަންވަރުގެ އަތުގައި ހުރި ތަށި އަހަރެން އަތަށް ދިއްކޮށްލިއެވެ. ތަށީގައި ހިފުމުން އަންވަރު ދަނޑިގަނޑުގެ އެހީގައި ކޮޅަށް ތެދުވެއްޖެ އެވެ. އަހަރެންވެސް އަންވަރާ އެކުއެކީގައި ހެން ތެދުވެއްޖައީމެވެ.
"ފްރެޝް ވެލައިގެން ސައި ބޯނީ... ސާރާ ވެސް އައިސްފާނެ ކަންނޭނގެ އެންނު އިރުކޮޅަކުން"
އަންވަރު ގޮސް ކޮޓަރި އަށް ވަދެއްޖެ އެވެ. އަހަރެންވެސް އަންވަރުގެ ފަހަތުން ދިޔައީމެވެ.
އެރޭވެސް އަދައިގެ މަތިން އަހަރެމެން ދިހައެއް ޖެހި އިރަށް ނިދަން އޮށޯވެއްޖައީމެވެ. ނިދަން ތިބެގެން މާގިނަ ވާހަކަ އެއް ނުދައްކަމެވެ. އަންވަރުވެސް ނުދައްކައެވެ. ދެމީހުންވެސް އެކަކު އަނެއްކަކާ ދޭތެރޭ ހުންނަ ހިތްހަމަ ނުޖެހުން ތަކުގެ ސަބަބުން ވާ ގޮތެއް ކަމަށްވެސް ވެދާނެ އެވެ. ހުރިހާ ކަމެއް ދޫކޮށްލައިފައި އަހަރެންގެ ވިސްނުމުގެ ރޮނގު ކުރަހާ ލެވުނީ ސާރާ އާ ދިމާ އަށެވެ. ސާރާ އާ މެދު ކުރެވޭ ފިކުރުތައް  އަހަރެން ގެންގޮސް ދެނީ އަހަރެންގެ މާޒީ އަށެވެ.
ހިތުގަ އުފެދޭ ހުރިހާ ޝުޢޫރެއް އަހަރެން ފާޅެއް ނުކުރަމެވެ. އަމިއްލަ ނަފުސަށް ހިންދައިލައިގެން ހުރެ ރަށުގެ އުފާވެރި މާހައުލުގައި ދިރިއުޅުމުގެ ފޮނި ހުވަފެން ތައް ދެކުނީމެވެ. ދައްތަ ބޭނުންވަނީ ކޮންމެ ތާކު އުޅުނަސް އެންމެން އެކުވެރި ކަމާއެކު އުޅޭށެވެ. "ކޮންމެ ދުވަހަކު ދިމާވެ ވާހަކަ ދައްކާ އުޅެވެންޏާ ކިހާ އުފާ ވާނެ" ދައްތަ ބުނެ އެވެ. ދުވަސްތައް ދައުރު ވަމުން ގޮސް އަހަރެމެންގެ ޙަޔާތުގެ ބައިވެރިންނާ ދިމާވި ދުވަސް ވެސް އައީ ދައްތަ ގެ ވާހަކަ ތައް އެގޮތަށް ހުއްޓައެވެ.
އަންވަރާއި ފާއިޒު ރަށަށް ކުރި ދަތުރަކީ ޙަޔާތުގެ ބައިވެރިން ހޯދުމަށް ކުރި ދަތުރެއް ނޫނެވެ. ފާއިޒު ކުރަމުން އަންނަ ވިޔަފާރީގެ މަސައްކަތެއްގައި ކުރި ދަތުރެކެވެ. ފަތުރުވެރިންނަށް ޓަކައި މިރަށުން އުފެއްދޭނެ އުފެއްދުންތައް ބަލައި ދާއިމީ ގޮތެއްގައި ލިބެނޭ ގޮތް ހޯދުމުގެ މަސައްކަތެވެ. ރަށުން މިކަމުގައި ބައިވެރިޔަކީ އަހަރެމެންގެ ބޮޑުބޭބެ އެވެ. އެމީހުންގެ ކެއުން ހަމަޖެހިފައި އޮތީ އަހަރެމެން ގެއިންނެވެ. ގެޔަށް އައިސް ގޮސްވެ އުޅުން ގިނަވި ވަރަކަށް އަހަރެމެންނާ ވެސް ދިޔައީ ގުޅުން ބަދަހި ވަމުންނެވެ.
އަންވަރަކީ ބުޅި އިސްތަށިގަނޑަކާއި ފިރިހެން ވަންތަ ހަށިގަނޑެއް ލިބިފައިވި ވިއްސަކަށް އަހަރުގެ ޒުވާނެކެވެ. މަޖާކުރުމާއި ޖެއްސުން ކުރުމުގައި އޭނާ ފަހަތަށް ޖައްސާލާނެ މިހަކު ހުރި ހެނެއް ހިޔެއް ނުވެ އެވެ. އަންވަރުގެ އުޅުމާއި ޒުވާންކަން ފެނި އަހަރެންނަށް ލޯބި ހުށަހަޅައިފި އެވެ.
(ނުނިމޭ)

0 comments:

ޚިޔާލު ފޮނުވާ!